Last Updated: May 10, 20:45
Sunday, May 11, 2025
ޚަބަރު

ރޯދަމަހު ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަން އެސްޓީއޯ ތައްޔާރު

ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ/ ފޮޓޯ: މިހާރު

ރޯދަ މަހު ބާޒާރުގައި ހުންނަ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އެ ދުވަސްވަރު އަގު މައްޗަށްދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ކުރީގެ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެ ހެން ކަންކަން ރޭވިފައި ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

އެގޮތުން ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓާކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅިގެން ދާނެ ކަމަށާއި އަދި ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެއްސިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބްރުއަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށް ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

"ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން، އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯއިން މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެއެވެ،" އެސްޓީއޯ އިން ބުނެ އެވެ.

މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ހިޔާލު ފާޅުކުރައްވާ