އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް ވެސް ސިހުން ގެނުވި ޗައިނާގެ އާޓިފިޝަލް ސްޓާޓަޕް "ޑީޕްސީކް" އޮސްޓްރޭލިއާ އިން މަނާކޮށްފި އެވެ.
އެގޮތުން އެ ގައުމުގެ ސަރުކާރުގެ އެއްވެސް އިދާދރާއެއްގެ އެއްވެސް ޑިވައިސްއެއްގައި އޭގެ ބޭނުން އެއްވެސް ގޮތަަކަށް ހިފުން މަނާކޮށް، އެ އެޕް އިންސްޓޯލްކޮށްފައިވާ ޑިވައިސްތަކުން "ޑީޕްސީކް" ނަގަން ވަނީ ނިންމައިފަ އެވެ.
އޮސްޓްރޭލި އިން ބުނީ އެ ގައުމުގައި އެ މަނާކުރަން ނިންމީ ޗައިނާގެ އެޕަކަށްވެގެން ނޫން ކަމަށެވެ. ނަމަވެސް "ޑީޕްސީކް" ގެ ހަގީގަތާ މެދު ސުވާލުތަކެއް ހުރުމާ ގުޅިގެން ގައުމީ ސަލާމަށްޓަކައި އެ އެޕް މަނާކުރަން ނިންމީ ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން ބުންޏެވެ.
އެމެރިކާގެ ޗެޓް ޖީޕީޓީ އާއި އެ ނޫން ވެސް އެފަދަ ފްލެޓޯމްތައް "ސުމަކަށް" ދުއްވައިލި ޗައިނާގެ "ޑީޕްސީކް" އޭއައި ޓެކްނޮލޮޖީން ޗައިނާ ކިހާ ވަރުގަދަކަން ސާބިތުކޮށް ދިން އެޕެކެވެ.
މި އެޕް ރިލީޒްކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ވެސް "ޑީޕްސީކް" އަށް ހުއްޓި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން މިހާރު ދަނީ "ބިރުން" އެ އެޕްގެ ކުޅަދާނަކަމާ ގުޅޭ ގޮތުން ހަގީގަތެއް ނެތް އެތައް ތިއަރީތަކެއް ވެސް ނެރެމުންނެވެ.