ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ހޯދަން ޑަބްލިއުއެޗްއޯއާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްހީ ދާއިރާއަށް އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި ވަނީ ޓެލެމެޑިސިންގެ ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާ ގެ އިތުރުން އިމަޖެންސީ މެޑިކަލްގެ ޚިދުމަތް ހަރުދަނާކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ކުރިއާލާ ބަލިން ރައްކާތެރިވުމަށް ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ވަނީ ރާއްޖޭގައި އީ ސިގިރޭޓް އަދި ވޭޕް މަނާކުރުމުން ދިވެހި ސަރުކާރަށް ތައުރީފް ކުރައްވާފަ އެވެ. އަދި ރާއްޖެއިން ދުންފަތުގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މީގެ އިތުރުން ދުންފަތުން ރައްކާތެރިވުމަށް އެކަމަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.