ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދެއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއް ޖެވެ.
ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެ ޤައުމާ މުޚާތަބުކުރައްވާ ވީ އެންމެ ބޮޑު ވަޢުދަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޚިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމަށެވެ. އެގޮތުން މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަ ވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ ޢަމާޒެއް ކަމަށް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް،" ރައީސް ވިދާޅިވި އެވެ. "އެހެންކަމުން ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢު ކުރެވޭނެ ވަރުގެ ޤާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތް ކުރާނެ."
ރައީސް ވިދާޅުވީ އެމްއެންޑީއެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި ކަމަށެވެ. އެގޮތުން ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކާ ކުރަން ޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" މިދިޔަ އަހަރު އުފައްދައި، ޚިދުމަތަށް ނެރެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވައިގެ މަގުން ވެސް ޤައުމު ދިފާޢުކުރެވެން ޖެހޭ ކަމަށާއި ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމްއެންޑީއެފް އެއާ ކޯ މިދިޔަ އަހަރު އުފައްދާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެއާ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ގެނެވޭ ކުރިއެރުންތަކުގެ ތެރޭގައި އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ. ހަމަ މި ބީދައިން ދަންނަވާލަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ. "އެހެންކަމުން ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައި ވާނެ."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމުގައި ސަރުކާރުން ނުހަނު އިސްކަންދޭ ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވިފައި ނުވާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.