Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް އޮކްޓޯބަރުގެ ކުރިން ހުޅުވަނީ

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މި އަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވާނެ ކަމމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ވަރަށް އަވަހަށް ނިންމަން ޖެހޭ މަޝްރޫއެއް ކަމަށާއި އެކަމަށް މިހާރު ބޮޑު އިސްކަމެއް ދެވިގެން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

ވީއައިއޭގެ ޓާމިނަލް ނިންމަން ބޭނުންވާ އިތުރު ފައިސާ އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން މިދިޔަ ޑިސެންބަރު މަހު ރާއްޖެ އަށް ދޭން ނިންނައި އެއްބަސްވުމުގައި ސޮއި ވެސްކޮށްފައިވެ އެވެ. އެއީ އިތުރު 40 މިލިއަން ޑޮލަރުގެ (616 މިލިއަން ރުފިޔާ) ލޯނު އެއްބަސްވުމެކެވެ.

ވީއައިއޭގެ އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ވީއައިއޭ ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލް އަވަހަށް ނިންމައި، ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، މަޝްރޫއު އަވަސްކުރަން އަބޫދާބީ ފަންޑުން ކުރިން ވެސް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަދި ސައުދީ ފަންޑުން 180 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ނަގާފައިވެ އެވެ.

އާ ޓާމިނަލަކީ 2016 ގައި ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕެވެ.

މިއަދުގެ ރިޔާސީ ބަޔާމުގައި ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި، އައްޑޫ ގަން އެއާޕޯޓްގެ އިތުރުން މ. މުލީ އެއާޕޯޓް ވެސް ހުޅުވުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއާޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ. "މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެން ދާނެ."