Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޓޫރިޒަމަށް ދޭ އިސްކަން ކުޑައެއް ނުވާނެ: ތޯރިގް

ޓޫރިޒަމް މިނިސްޓްރީ މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާ އެއްކޮށްލައިގެން ހިންގި ނަމަވެސް ރާއްޖޭގެ އިގުތިސާދު އެ ސިނާއަތަކަށް ބިނާވެފައި އޮތް ޓޫރިޒަމަށް ދޭ އިސްކަން އެއްވެސް ވަރަކަށް ކުޑައެއް ނުވާނެ ކަމަށް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ޓޫރިސްޓުން ރާއްޖެ އަންނަ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ތިމާވެށީގެ ރީތިކަން ދެކެން ކަމަށެވެ. އެހެންވެ ޓޫރޒަމާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަކީ ސިނާޢަތް ފުޅާކުރުމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ތޯރިގް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ދެ މިނިސްޓްރީ އެއްކޮށްލެއްވުމަށް ނިންމެވީ ވަރަށް މުހިންމު މަޤުޞަދެއްގައި ކަމަށެވެ. އެގޮތުން ޓޫރިޒަމަކި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަށްވެފައި ރާއްޖެ އަކީ ތިމާވެއްޓާ ރަށްޓެހި ޤައުމަކަށް ހެދުމަށްކުރާ މަސައްކަތަކީ ވެސް ޓޫރިސްޓުންގެ ޝަޢުގުވެރިކަން އިތުރު ކުރެވޭނެ ކަމެއްކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކިލުމަށް ފަތުރުވެރިން މި އަންނަނީ. މި ދެ ބައި އެއްކޮށްލެވުނީމަ އިތުރު ފުރިހަމަކަމެއް މި ލިބެނީ. ރައީސްގެ ވަރަށް މުހިންމު މަޤުޞަދެއްގައި މިގޮތަށް ނިންމެވީ،" މިނިސްޓަރު ވިދާޅުވި އެވެ. "މި ބަދަލާއެކު ސަސްޓެއިނަބަލް ނުވަތަ ދެމެހެއްޓެނިވި ފަތުވެރިކަން ކުރިއެރުވުމަށް އެބަ ބާރަކަށްވޭ."

އޭނަ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގައި ވެސް އެންމެ މުހިންމީ، ރާއްޖޭގެ ތިމާވެށީގެ ރީތިކަން ޕްރޮމޯޓް ކުރުން ކަމަށެވެ. އަދި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ ވެއްޓާއި ކަނޑާއި ފަރުތައް ޙިމާޔާތްކޮށް ކުރިއަށް ގެންދާ މަސައްކަތުގައި ވެސް އެންމެ ބޮޑު މަންފާއެއް ލިބެނީ ޓޫރިޒަމަށް ކަމަށް ވިދާޅުވި އެވެ.