މިހާރު ވަރަށް ބޮޑަށް ހަކާލުވެފައި އޮތް އައްޑޫ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަގުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، މަގު މިހާރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލާއި ވަރަށް ގިނަ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިދިޔަ އަހަރު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލް ވިދާޅުވެފައިވާ ގޮތުގައި ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކަމަށެވެ.
މިއަދު ރިޔާސީ ބަޔާނުގައި އެ މަގު މި އަހަރު ހަދާނެކަމުގެ ޔަގީން ރައީސް ދެއްވި އެވެ.
"އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ. "އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސް ކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނަން."
އައްޑޫ ލިންކް ރޯޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ. ގަމާއި ފޭދޫ ގުޅޭ ހިސާބުް ފެށިގެން ހިތަދޫގެ ކޮޅާ ހަމައަށް ތާރު އަޅައިގެން ހެދި އެ މަގު ނިންމައި ބޭނުން ކުުރަން ފެށީ 2003 ގަ އެވެ.