Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ކައުންސިލްތަކުގެ މުވައްޒަފުން މުސާރަ މި އަހަރު ބޮޑުވާނެ

މިއަހަރު ސިވިލް ސާވިސް މުވައްޒަފުންނާ އެކު ކައުސިލްތަކުގެ މުވައްޒަފުން މުސާރަ ވެސް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ މަސްއޫލިއްތާ އެކަށޭނަ ހައިބަތު ވަޒީފާ އަދާކުރާ ވެށްޓާ އިމާރާތުން ވެސް ސޫރަވެ، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ގާއިމުކޮށްދީ، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ އިހްތިރާމާއި ގަދަރުދީ އެ އަހްލާގު އުފެއްދުމަކީ އެމަނިކިފާނު ގަބޫލުކު ރައްވާ އުސޫލެއް ކަމަށެވެ.

އެގޮތުން ކައުންސިލް އިމާރާތައް އަޅަން ފެއްޓީ ވެސް ސަބަބަށްޓަކައި ކަމަށާއި ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލު އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުއައްޒަފުންނާ ޖުޑިޝަރީގެ މުއައްޒަފުންނާ އެކު ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރަ ވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ ވާހަކަ އުފަލާއެކު ދަންނަވަން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަންދޭ ގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެސް ބާރުވެރިކުރުމަށް އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ އެލަވަންސާއި އެހެނިހެން އިނާޔަޔްތައް ދިނުމަށް ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަން ޖެހޭ އިސްލާޙުތައް މި މަހު ހުށަައަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ދެ އިސްލާހުގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުން،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަދި އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ހައްލު ލިބުން."