Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ގުޅީފަޅުގައި 4،000 ހައުސިން ޔުނިޓް އަޅަނީ

އިންޑިއާގެ ލުއި ލޯނެއްގެ އެހީގައި ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ ތަނަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެއް ކަމަށާއި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާ އާއި ކޮންޓްރެކްޓަރަކު ހޯދުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ މަނިކުފާ ވިދާޅުވީ ގުޅިފަޅާާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފަޅުތެރެއިން ހިއްކާ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތީގެ ރަޖިސްޓްރީ، ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

"ހަމަ އެއާ އެކު، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި ހަތަރުހސް ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މިއަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން." ރައީސް ވިދާޅުވި އެވެ.

ގުޅީފަޅުގެ މަގުތަކާއި އެ ރަށުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުނިސިޕަލް އިމާރާތްތައް ހަދަން ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ މިދިޔަ މަހުގެ 6 ގައި ހަވާލުކޮށްފައިވެ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތުގައި ތަފާތު ދަތިތައް ކުރިމަތިވި ނަމަވެސް ސަރުކާރުގެ އަމާޒަކީ މި އަހަރު ބިން ހިއްކުން ނިންމައި އަންނަ އަހަރު އެ ތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަދި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫއުތައް ފެށިގެންދާނެ." ރައީސް ވިދާޅުވި އެވެ.