Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އައްޑޫ ބްރިޖުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަޔަކު ހޯދަން މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭއާއި، އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި، ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި، ބަޔަކު ހޯދަން އިޢުލާނު ކުރާނެ ކަމަށެވެ.

އަދި އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އައްޑޫ ލިންކް ރޯޑާއި، އެހެނިހެން މުހިއްމު މަގުތައް، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އައްޑުއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް، މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިމި، އޭގެ ފަސޭހަކަން މި އަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖު ފީޒިބިލިޓީ ސްޓަޑި އާއި ޑިޒައިނާ ގުޅޭ މަސައްކަތްތައް ތިން މަސް ތެރޭގައި ނިންމަން ޖެހެ އެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.