ފުލުހުން ކުރިޔަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކާ ޙަރަކާތްތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދިޔަނަމަވެސް ފުލުހުންނަކީ އެފަދަ ވަޞީލަތްތަކުގައި ދެކެވޭ ވާހަކަތަކަށް ބަލައިގެން ފުލުހުންގެ ޙަރަކާތްތައް ރާވައިގެން ކުރިޔަށް ގެންދާނެ ބައެއް ނޫންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުވިދާޅު ވެއްޖެއެވެ.
ހުސައިން ވަޙީދު މިގޮތަށް ވިދާޅުވެފައިވަނީ މާޅޮސްމަޑުލު އުތުރު ބުރިއަށާއި މިލަދުން މަޑުލު އުތުރު ބުރިއަށް އަދި ތިލަދުންމަތީ ދެކުނު ބުރީގެ ބައެއް ރަށްރަށަށް ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ޓީމެއް މިހާރު ކުރަމުންދާ ޒިޔާރަތުގައި ށ. ކޮމަންޑޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމަގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުށުގެ ޙާލަތަށް ބަލައި އެސަރަޙައްދެއްގައި މަސައްކަތް ކުރާ ފުލުހުންގެ ޢަދަދު އިތުރު ކުރުމަށް އަދި އެފުލުހުންނަށް އެހީތެރިވެ ދިނުމަށް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނާ ތަޙުޤީޤު ކުރާ ފުލުހުންނާ ފޮރެންސިކް ފުލުހުން އަދި އިންޓެލިޖެންސްގެ ފުލުހުންވެސް ފޮނުވަމުން ގެންދާ ކަމަށެވެ.
ސީޕީ ވިދާޅުވީ މިގޮތަށް ފުލުހުން ފޮނުވާއިރު ބައެއް ސަރަޙައްދުތަކުގެ ބައެއް ރަށްރަށަށް ފުލުހުން ފޮނުވަނީ އެސަރަޙައްދުގައި މަސައްކަތް ކުރާމީހުންނަށް އެސަރަޙައްދުގައި ކުށުގެ ނުރައްކާ ކުޑަކޮށް ކުށުގެ ވެށި ނައްތާލަން އެކަށޭނަ މަސައްކަތްތަކެއް ނުކުރެވޭތީ ކަމަށް ބައެއް ފަހަރު ސޯޝަލް މީޑިއާފަދަ ވަޞީލަތްތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށެވެ.
އެފަދަ ވާހަކަތަކުގެ ބޭނުމަކީ ފުލުހުންގެ ސަފުތަކުގެ ބަދަހިކަމަށް ބުރޫއަރުވާލައި ފުލުހުންގެ މަސައްކަތާ މެދު ރައްޔިތުން ދެކޭގޮތް ބަދަލު ކުރުންކަމަށްވާނަމަ އެކަންކަމަކީ ތަހުޒީބު ގޮތްތައް ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.