މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް މި އަހަރުގެ ތެރޭގައި ލުއި ލޯނު ލިބޭނެ ގޮތް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މަސްވެރިންގެ ދަފުތަރުގައި ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 ޕަސެންޓް މިހާރު ރަޖިސްޓަރީވެފައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިން ނިޒާމުގެ ތެރެއިން ލުއި ލޯނު ހޯދުމުގެ ފުރުސަތާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މި އަހަރު ނިމުމުގެ ކުރިން ފަހިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ގައުމީ އެ ފަދަ ކޮންމެ ދާއިރާއެއްގެ ވެސް ހިދުމަތްތެރީން ދައުލަތުން ޝަރަފުވެރިކަމާ އެކު ބަލައިގަނެ އެ ފަދަ އެތައް ފުރުސަތެއް ފަހިކޮށް ދިނުމަށް ކަމަށެވެ.
މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ރާއްޖޭގައ ގިނަ އަދަދެއްގެ މަސްވެރިން ހަރަކާތްތެރިވާ އިރު، މި ސިނާއަތަކީ އިގުތިސާދުގެ މައިގަނޑު ދެވަނަ ސިނާއަތެވެ.