Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

ޕަބްލިކް ޑިފެންޑާސް އޮފީހެއް އުފައްދަނީ

ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް "ޕަބްލިކް ޑިފެންޑާސް އޮފީސް" ގެ ނަމުގައި ގާއިމު ކުރަން ނިންމައިފި އެވެ.

އިއްތޔެ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވި އިރު ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ގެ ނަމުގައި ދައުލަތުގެ ދިފާޢީ ވަކީލުންގެ އޮފީހެއް ގާއިމުކޮށްފައި ހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އަމިއްލަ އަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދިފާއީ ވަކީލުން ހަމަޖައްސައި ދެނީ އެ އޮފީހުން ކަމަށެވެ. އެހެންވެ މި މި ނިޒާމަށް ރާއްޖެ ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ." ރައީސް ވިދާޅުވި އެވެ. "އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ މި އަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާ ބެހޭ ހާއްސަ ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ނިޒާމު ގާއިމުކޮށް ދޭން."