އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން އެއްބައިވަންތަކަން ނެތުމުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުތުބާގައި ބުނީ އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީން ކަމަށާއި މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެހެނީ އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.
"ތާރީޚުގެ ފަތްފުށްތަކުން މިކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ ހުއްޓެވެ. އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުންނެވެ،" ހުތުބާގައިވެ އެވެ.
ހުތުބާގައި ވަނީ ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ މި ސަބަބުތަކާ ހުރެ ކަމަށް ބުނެފަ އެވެ.
އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކޮށްފައިވާ ކަމަށާއި މި ގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން ފަދަ ކަންކަން މަނާކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށް ކަމަށާއި އަދި މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށް ކަމަށްވެސް ބުނެފައިވެ އެވެ.