ސަތޭކަ އަށް ވުރެ ގިނަ ޓޫރިސްޓުންނާ އެކު އައްޑު އަށް ކްރޫޒް ލައިނާއެއް ބަނދަރުކޮށްފި އެވެ.
އިނގިރޭސިވިލާތުގެ "ނޯބެލް ކެލެޑޯނިއާ" ކްރޫޒްލައިނާ އިން މަރަދޫ ބަނދަރަށް ފޭބި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން މިއަދު ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ޓޫރިސްޓުންނަށް މަރުހަބާ ދެންނެވުމުގައި އިސްތިއްބެވީ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.
އައްޑު އަށް އައި ޓޫރިސްޓުން ހިތަދޫގައި އޮންނަ އައްޑޫ ނޭޗާ ޕާކަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ.
އައްޑު އަށް ދޭތެރެ އިން ކްރޫޒްލައިނާތައް ޒިޔާރަތްކުރެ އެވެ.
އައްޑޫގައި މި ވަގުތު ތިން ރިސޯޓެއް ހިންގަ އެވެ. އެއީ ކެނަރީފާއި ސައުތު ޕާމް ރިސޯޓްގެ އިތުރުން ގަމުގެ އީކްއޭޓަ ވިލެޖެވެ. އަދި އައްޑު އަކީ ގިނަ ގެސްޓްހައުސްތަކެއް ވެސް ހިންގަމުން އަންނަ ތަނެކެވެ.
އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކޮށް އިޝްތިހާރު ކުރަން މިދިޔަ އަހަރު "އައްޑޫ: ބިޔޯންޑް ދި އީކްއޭޓާ" ގެ ނަމުގައި ބްރޭންޑެއް ލޯންޗްކޮށް މި ފަހުން ބޭރުގެ އެކި ފެއާތަކުގައި ވެސް އައްޑޫ އިޝްތިހާރުކޮށްފައިވެ އެވެ.