ކީރިތި ޤުރުއާން ކިޔެވުމުގެ ހަތަރު ގޮތެއްވެ އެވެ. [1] އެއީ:
1. التَّرْتِيْل:
ކީރިތި ޤުރުއާން ތަރުތީލުކޮށް ކިޔެވުމަކީ ލަސްލަހުން، ހަމަޖެހިލައިގެން ކޮންމެ އަކުރަކަށް ވެސް ދޭން ޖެހޭ ޙައްޤު ދީގެން، އޭގެ މަޚްރަޖާއި ޞިފަތަކާ އެއްކޮށް ކިޔުމެވެ. އަދި ކިޔަވާ އިރުގައި މާނައަށް ވިސްނައިގެން އޭގައިވާ ޙުކުމްތަކާއި ނަސޭޙަތްތަކުން ޢިބުރަތް ޙާޞިލުކުރުމެވެ.
2. التَّحْقِيْق:
ކީރިތި ޤުރުއާން ތަޙްޤީޤުކޮށް ކިޔެވުމަކީ ތަރުތީލުކޮށް ކިޔެވުން ފަދަ ކަމެކެވެ. ތަޙްޤީޤުކޮށް ކިޔަވާއިރުގައި ކިޔަވާނީ އެއަށްވުރެވެސް ހަމަ ޖެހިގެންނެވެ. އެހެނަސް މިގޮތަށް ކިޔަވާއިރު މާ ބޮޑަށް ދަމާލުމުގެ ސަބަބުން އާ އަކުރުތައް އުފަންވެދާނެތީ އެކަމަށް ސަމާލުވާން ޖެހޭނެއެވެ. ކިޔަވައިދޭ އިރުގައި ޢާންމުކޮށް ކިޔަވާނީ މިފަދައިންނެވެ.
3. الحَدْر:
ކީރިތި ޤުރުއާން ޙަދްރުކޮށް ކިޔެވުމަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ޙުކުމްތަކަށް ރައްކާތެރިވެ ހުރެ އަވަހަށް ކިޔެވުމެވެ. މިފަދައިން ކިޔަވާ އިރުގައި އަކުރުތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. އަދި ޣުންނަތައް އުނިކުރުމުން ރައްކާތެރިވާން ޖެހޭނެއެވެ. އަދި ފިލިތައް ވަންހަނާކުރުމުންވެސް ދުރުހެލިވާން ޖެހޭނެއެވެ.
4. التَّدْوِيْر(التَّوَسُّط):
ކީރިތި ޤުރުއާން ތަދްވީރުކޮށް ކިޔެވުމަކީ ތަރުތީލުކޮށް ކިޔެވުމާއި ޙަދްރުކޮށް ކިޔެވުމާ ދެމެދުގެ މިންވަރަކަށް ކިޔެވުމެވެ.
މިގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ކީރިތި ޤުރުއާން ތިލާވަތުކުރުމަކީވެސް ހުއްދަކަމެކެވެ. މިގޮތްތަކުގެ ތެރެއިން އެންމެ މޮޅު އިތުރު ގޮތަކީ ތަރުތީލުކޮށް ކިޔެވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَرَتِّلِ الْقُرْآنَ تَرْتِيلًا﴾ [سورة المزمل ٤]
މާނައީ: “އަދި ތަރުތީލުކޮށް (ލަސްލަހުން) ކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާށެވެ.”
—————————————————————
[1] شرح تحفة الأطفال للشيخ محمد مصطفى بلال (ص: 12–13) وغاية المريد لعطية قابل نصر (ص: 19–20)
މަސްދަރު: ދިސަލަފިއްޔާ