Last Updated: February 8, 09:02
Saturday, February 8, 2025
ޚަބަރު

މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައީސް އޮފީސް

މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތަކީ، ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށެވެ.

ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްގީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް ރައީސް ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މިފްކޯއަށް މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.