Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

އޯޕަން ގަވަރަމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށް ރާއްޖެ

އޯޕަން ގަވަރަމަންޓް ޕާޓްނަޝިޕް (އޯޖީޕީ) ގެ މެންބަރަކަށް ރާއްޖެ ވެއްޖެ އެވެ.

މިކަމާ ގުޅިގެން އިދާރީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މިކަމަކީ ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އޯޖީޕީއާ ރާއްޖެ ރަސްމީކޮށް ގުޅުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައި ވަނީކަން ފިލިޕީންސްގެ މެނިލާގައި މިދޮޔަ ހަފުތާގައި ބޭއްވި އޯޖީޕީ އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ.

މިނިސްޓަރު ވިދާޅުވީ އޯޖީޕީގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއިން ގުޅުމަކީ ރައިީސްގެ އިސްނެންގުވުމާއި ދުރުވިސްނުންފުޅުގެ ތެރެއިން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސަށް މަރުހަބާ ވެސް ވިދާޅުވެފައިވެ އެވެ.

ޢާދަމް ޝަރީފް ވިދާޅުވީ ރާއްޖެ އިން އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މިއީ ކޮރަޕްޝަނާ ދެކޮޅަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޯޖީޕީގެ ބައްދަލުވުން ކުރިއަށް ދިޔައީ މި މަހުގެ 5-7 އަށެވެ.

އެ ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނާއި އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ސްޓޭކް ހޯލްޑަރުން ބައިވެރިވި އެވެ.

އޯޖީޕީ އުފެއްދީ މީގެ 13 އަހަރު ކުރިން ސެޕްޓެމްބަރު 20، 2011 ގަ އެވެ. އޭގެ މެންބަރުންގެ އަދަދު މިހާރު 77 އަށް އަރަ އެވެ.