Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ޒަމާނީ އައިޑީ ކާޑެއް ތައާރަފު ކުރަނީ

މި ޒަމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާޑެއް ތަޢާރަފު ކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތީގައި ރައީސް ޑރ. މުހައްމަދު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރޭ ގެނެސްދިން 'ރިޔާސީ ބަޔާން 2025 ފޯރަމް" މިނިސްޓަރު އިހްސާން ވިދާޅުވީ ޒާމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާޑު ވާނީ އިންޓަނޭޝަނަލް ފެންވަރުގެ އެއްޗަކަށް ކަމަށެވެ.

އޭނަ ވިދާޅުވީ މީގެ ސަބަބުން އެ މީހާއަށް އެއްވެސް ޚިދުމަތް ދޭ ތަނަކުން އައިޑީ ކާޑަށް އެކްސެސް ވެއްޖެ ނަމަ އެކަން އެނގޭނެ ކަމަށެވެ. އެހެންވެ އެއްވެސް މީހެއްގެ ރުހުމަކާ ނުލައި، ކާޑަށް އެކްސެސްވެ އެއްވެސް މުއާމަލާތއް ނުހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ.

"އެ މީހެއްގެ ކޮންސެންޓް އެކަމުގައި ބޭނުން ވާނެ. އެކޮންސެންޓާއ އެކު އިދާރާއަކުން އެކަން ކުރާނީ." އިހްސާން ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ޒަމާނީ އައިޑާ ކާޑު ވާނީ އައިޑީ އެ ކާޑެއްގެ މައުލޫމާތު ހޯދީ ކާކުކަން ނުވަތަ ކޮން ކަމަކާއި ގުޅިގެންކަން ވެސް ބެލޭނެ އެެއްޗަކަށް ކަމަށެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުންނަ "އީ-ފާސް" މެދުވެރިކޮށް އައިޑީ ކާޑުގެ އަދި ބައެއް އެހެން މައުލޫމާތު ފެނެ އެވެ.

ޑިޖިޓަލް އައިޑީ ކާޑު ތައާރަފު ކުރާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވެފައި މި ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ސިސްޓަމަށް އެކްސެެސް ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މީހުން ވައްދަން ވަގު ފޯމުތަކެއް ފުރި މައްސަލައެއް ފެންމަތިވެ، މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ޑީއެންއާރަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.