ދާއިރާގެ ރައްޔިތުންގެ މަސްލަހަތަށް ވުރެ ބޮޑު ކަމެއް ނެތް ކަމަށާއި މި ފެށުނު މަޖިލީހުގެ އާ ދައުރުގައި ވެސް މަސައްކަތް ކުރައްވާނީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނަވެ ދާއިރާފެ މަސްލަހަތު ދޫކޮށްލާފައި އަމިއްލަ މަސްލަހަތު އިސްކޮށް ސަރުކާރާއި މަޖިލީސް ތެރެއިން ކުރަން ބޭނުންވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެހެންވެ ދާއިރާގެ ރަށްތައް ކަމަށްވާ ވެލިދު އާއި ޅޮއްސާއި ފޮއްދޫގައި ހުއްޓިފައި ހުރި ޕްރޮޖެކްޓްތަކާއި އަލައް ފަށަން ވެފައި ހުރި ޕްރޮޖެކްޓުތައް ފެށުމައްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކަރުގެ ތެރެއިން މަސްވަރާ ކުރަންޖެހުނު ކޮންމެ ފަރާތަކާއި މަސްވަރާކޮށް ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކިޖަހަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި އަޅުގަނޑުގެ އެއްބާރުލުން ސަރުކާރައް ލިބިގެން ދާނެ." އައްބާސް ވިދާޅުވި އެވެ.
އޭނަ މި ގޮތަށް ވިދާޅުވި އިރު، މި ސަރުކާރުން އެމްޑީއޭއާ އެކު ހަދާފައި އޮތް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާކަން ފާހަގަކޮށް، އެއްބަސްވުމާ ހިލާފަށް ކަންކަން ދާ ނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު އައްބާސް މިދިޔަ ހަފުތާގައި ދެއްވާފައިވެ އެވެ.
އެހެންވެ އެއްބަސްވުމަށް އިހުތިރާމްކޮށް އަމަލުކުރުމަށް ރައީސަށް ވަރަށް އިހްތިރާމާއެކު ދަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.