ތައުލީމީ ދާއިރާ ތެރެއަށް މި ސަރުކާރުން ސިޔާސީ ނުޒޫފު ވެއްދުމަކީ ރާއްޖޭގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޖަމާލުއްދީން ސްކޫލުން ޕްރައިމަރީ ތައުލީމު ހާސިކުރި އަދި މިހާރު އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވާ އެ ސްކޫލްގެ ކުރީގެ ދަރުވަރުންގެ ކާމިޔާބީއާ ގުޅޭ ގޮތުން އާންމުކުރަމުން އަންނަ ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ތެރެއިން ޕޯސްޓެއްގައި އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާ ގުޅޭ ޕޯސްޓް ސްކޫލުން ޑިލީޓްކުރި މައްސަލައާ ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
މެމްބަރު މީކާއިލް އަހުމަދު ނަސީމްފަދަ, ޖަމާލުއްދީން ސްކޫލު މިއަދު ހުރިހާ ގޮތަކުންވެސް ފަޚުރުވެރިވާ އިސް ދަރިވަރެއްގެ ޕްރޮފައިލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށްފަހު, އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕްލެޓްފޯމްތަކުން ފްރޮފައިލް ނެގުމުން, މިސަރުކާރުން ތައުލީމީ…
— Abdulla Shahid (@abdulla_shahid) February 8, 2025
އޭނަ މިއަދު ވިދާޅުވީ މީކާއިލް ފަދަ ޖަމާލުއްދީން ސްކޫލު މިއަދު ހުރިހާ ގޮތަކުންވެސް ފަޚުރުވެރިވާ އިސް ދަރިވަރެއްގެ ޕްރޮފައިލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕްލެޓްފޯމްތަކުން ފްރޮފައިލް ނެގުމުން މި ސަރުކާރުން ތައުލީމީ ނިޒާމް ސިޔާސީ ކޮށްފައިވާ މިންވަރު ވަރަ ށްވެސް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާ މެދު ދަރިވަރުންގެ ހިތްތަކުގައި ނުރަގަޅު ތަސައްވުރެއް އުފައްދައި މީކާއިލް ގެ އަބުރަށް ހުތުރުވާ ގޮތަށް އަމަލުކޮށް އުނގަންނައިދޭ މަރުކަޒުތަކުގެ ތެރެއަށް މި ސަރުކާރުން ސިޔާސީ ނުފޫޒު ވެއްދުމަކީ އަދުގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއް ކަމަށެވެ.
"އެޑިއުކޭޝަން މިނިސްޓްރީގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ޝާހިދު ވިދާޅުވި އެވެ. "އަދި ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް މި ސަރުކާރަށް ގޮވާލަން."
ޖަމާލުއްދީން ސްކޫލުން މީކާއިލްއާ ގުޅޭ ޕޯސްޓް ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ވާހަކަތައް ފެތުރުމުން އެ ސްކޫލުން އެ ދޮގުކޮށްފައިވެ އެވެ.