Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ބޮޑު ދެ އިންތިހާބު އެއްކޮށްލަނީ ދެވަނަ ދައުރެއް ހޯދަން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކީގައި ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ދެވަނަ ބުރު ނުބާއްވައި އެއްބުރުން ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މަގުކޮށުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެ ދެ އިންތިހާބުކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާނެ ކަމަށް ބުރާސްފަތި ދުވަހުގެ ރިޔާސީ ބަޔާނުގައ ރައިސް ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އުމަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ބޭނުން ވަނީ ހަރަދު ކުޑަކުރުމަށް ކަމަށް ބުނި ނަމަވެސް އެއީ އެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

"މީގެ ފަހަތުގައި ފޮރުވިފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކުރުން އެންމެ ބުރެއްގެ ވޯޓުން ވެރިޔަކު ހޮވުން،" އޭނަ ވިދާޅުވި އެވެ. "މި ވާހަކަ ދެކެވޭ ބަދަލު ޑްރާފްޓް ކޮށްގެން ނިކުންނައިރު އޮންނާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކޮށްފައި."

އުމަރު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއްކޮޮށްލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މިހާތަނަށް އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާތީ އެ ފުރުސަތު ފަސޭހަކޮށް ގޮތަށް ހޯއްދެވުމުގެ ނިޔަތުގައި ކަމަށެވެ.

"ރައީސަކު ވެރިކަމަށް އަންނަން ވާނީ މަދުވެގެން ދެބައިކުޅަ އެއްބައި މީހުންގެ ރުހުން ލިބިގެން ވޯޓަކުން. އެހެން ނޫނީ ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ކުރުމުގެ ހައިސިއްޔަތު އެ މީހަކަށް ގެއްލިގެންދާނެ. އޭނަ ވިދާޅުވި އެވެ. "މި މަފްހޫމް ދިފާއުކޮށް ސާފު އަޣުލަބިއްޔަތަކުން މެނުވީ ރައީސަކު ވެރިކަން ކޮށްގެން ނުވާނެ ކަމަށް ބުނެ އަޅުގަނޑުމެން އެންމެން އަޑުއުފުލަން ވާނެ."

އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް މިދިޔަ އަހަރު މި ސަރުކާރުން ގެނައި އިސްލާހާ ގުޅިގެން ވެސް މަޖިލިސް މެންބަރުންގެ ބާރު ކެނޑިގެން ގޮސްފައިވާ ކަމަށެވެ.

"މިހާރު މި ވާހަކަ ދެކެވޭ ބަލަދުން ރައްޔިތުންގެ ބާރު ކެނޑި، ފަންސަވީސް ޕަސަންޓް ވޯޓު ލިބިގެންވެސް ވެރިކަމުގައި ހުރުމުގެ ފުރުސަތު ލިބިދޭނެ." އުމަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މަކަރުވެރިކަމާއި ހީލަތްތެރިކަމާ އެކު ހުރިހާ ކަމެއް ކުރުން މި ސަރުކާރުގައި އަށަގަނެފައިވާ ކަމަށެވެ. އެހެންވެ އެންމެފަހުން ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވެސް ދެއްކީ "ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ" ވާހަކަ ކަމަށާއި ކަންވެ ނިމިގެން ދިޔަ ޕާޓީން ވަކިކުރުމުންވެސް ގޮނޑި ގެއްލޭ ގޮތަށް ހިމަނައި ފާސްކޮށްފައިވާކަން އުމަރު ފާހަގަކުރެއްވި އެވެ.