ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީ އަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ވެއްޓުނުތާ 13 އަހަރާ ދިމާކޮށް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ކުރީގެ އިކޮނިމިކް މިނިސްޓަރު ވިދާޅުވީ އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށެވެ.
"އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަން ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރު ގަދަ މަސައްކަތްތަކަކުން،" ފައްޔާޒް ވިދާޅުވި އެވެ. "ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އަޅުގަނޑުމެން ދެމިތިބޭނަން."
މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ. އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި… pic.twitter.com/ILg0U6dUIv
— Fayyaz Ismail (@faya_i) February 7, 2025
ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވި އެވެ. އެގޮތުން ފެބްރުއަރީ 8 ގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުޖެހުމުގެ ހާދިސާތަކެއް ހިންގާފައިވެ އެވެ. އެ ހާދިސާތަކުގެ އައްޑޫ ފަދަ ބޮޑެތި ބައެއް ހިސާބުތަކުގެ ކޯޓްތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެެ.