Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ބައެއް ބޭސްތައް ނުލިބޭތީ ހައްލު ހޯދައި ދޭން އެދިއްޖެ

މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުހިއްމު ބައެއް ބޭސްތައް ނުލިބޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ގެ ސިޓީއެއް އާސަންދައަށް ފޮނުވައިފި އެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ފަހަކަށް އައިސް ޑޮކްޓަރުން ބޭސް ލިޔެދޭއިރު، ސިޓީގައި ހިމަނާ ބޭސް، އަމިއްލަ ފާމަސީ ތަކުން، އާސަންދައިގެ ދަށުން ނުލިބޭ ކަމަށާއި އަދި އެ ބޭސް އެސްޓީއޯ އިންވެސް ނުލިބޭ މައްސަލަ ފާހަގަވަމުންދާ ކަމަށެވެ.

މީގެއިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖޭން ނުލިބުން ކަމަށާއި އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި އަދި ދިގުމުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ. އަދި ޑޮކްޓަރު ލިޔެޔޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބުމުގެ މައްސަލަވެސް އާއްމުވެފައިވާ ކަމަށް އެ ސިޓީގައި ކުޑޫ ވިދާޅުވި އެވެ.

މީގެ އިތުރުން ދާއިމީ ގޮތެއްގައި ބޭސްކާންޖެހޭ މީހުންގެ ތެރެއިން ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެލިބޭނޭގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑޫގެ ސިޓީގައި ވަނީ ބޭސް ފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން އުޅެނީ ކީއްވެތޯ މިހާރުން މިހާރަށް ވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފަ އެވެ.