Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ކުޑަ އިންތިހާބެއް ކާމިޔާބުކުރަން ވެސް ފައިސާ އާއި ވަޒީފާ ބެހި

މީދޫ ދާއިރާގެ މެމްބަރު އަބްދުލްރަހްމާން، ރައީސް މުއިއްޒާއި ސަލާމް ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ކުޑަ އިންތިހާބެއް ކާމިޔާބު ކުރަން ވެސް ސަރުކާރުން ފައިސާ އާއި ވަޒީފާތައް ބެހި ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހުމާން (އައްދު) ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ މުޅި ދައުލަތް އަރިކޮށް އޮއްސާ، ހުރިހާ ވެރިންނާއި މަޖިލިސް މެންބަރުން އިއްޔެ ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެއް ކާމިޔާބު ކުރުމަށް ކުރި މަސައްކަތް ފެނިފައި އަންތަރީސް ވެއްޖެ ކަމަށެވެ. އެ ބައި އިލެކްޝަންތަކާއި ދިމާކޮށް ޕްރޮޖެކްޓް ތަކާއި ފާއިސާ އަދި ވަޒީފާ ބެހި ކަމަށް އައްދު ތުހުމަތު ކުރެއްވި އެވެ.

"ގިނަ ގިނައިން އިންތިހާބު ބާއްވަންވީ. އެންމެ ބޮޑު ދެ އިންތިހާބު އެއްކުރީމަ ދައުލަތަކަށް ނޫން ހަރަދު ކުޑަވާނީ. ވެރިކަން ކުރާ ޕާޓީއަށް ހަރަދު ކުޑަވަނީ،" އައްދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ބޭއްވި ބައިލެކްޝަނުގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ. އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑި ކަމަށްވާއިރު، އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް އިންތިހާބު ކާމިޔާބުކުރި އެވެ.

މި ބައި އިލެކްޝަންތަކުގެ ކެމްޕޭނަށް ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ކުންފުނިތަކުގެ ވެރިން އެކި ރަށްތަކަށް ވަޑައިގެން ކެމްޕޭނުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވެ އެވެ.