ކަސްޓަމަރުން ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ އީ-ސިމް ވެއާރަބަލް ހިދުމަތް ތައާރަފު ކުރަން އުރީދޫ މޯލްޑިވްސް އިން ތައްޔާރުވެއްޖެ އެވެ.
މިއީ އަލަށް ރާއްޖޭގައި ފަށާ ހިދުމަތެކެވެ.
އުރީދޫން ބުނީ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ސެމްސަންގް ސްމާޓްވޮޗުން ގުޅައި، މެސެޖް ފޮނުވައި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، ފޭވަރިޓް އެޕްތަކާ ވެސް ގުޅިފައި ތިބެވޭނެ ކަމަށެވެ. ސެމްސަންގް އީ-ސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފުކުރުމާއެކު ވެއާރަބަލް ކަނެކްޓިވިޓީ އަށް އިންގިލާބީ ބަދަލެއް ގެނެސް، އީ-ސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއި ފަސޭހަތަކެއް ލިބޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ/އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ ންފުނިން އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަ ކުރަން ދެމިތިބޭނެ ކަމަށެވެ.
"ކަސްޓަމަރުންނަށް ފޯނާ ނުލާ ވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެން ދާނެ." އޭނަ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ސެމްސަންގް ސްރީ ލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ އެ ކުންފުންޏަކީ ޒަމާނީ ވެއާރަބަލް ޓެކްނޮލޮޖީ ފޯރުކޮށް ދިނުމަށް ހާއްސަވެފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކޮށްދޭނީ މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީގެ ޒަރިއްޔާއިން ކަމަށް ވިދާޅުވި އެވެ.
ސެމްސަންގް އީ-ސިމް ވެއާރަބަލްގެ ހިދުމަތްއަންނަ މަހުގެ ތެރޭގައި ދޭން ފަށާނެއެވެ.
އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަންބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭ އިިރު، ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް އެ އުރީދޫން ބުންޏެވެ.