Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ޝަކީލް ނިޔާވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް

މެރިން ރިސާޗްގެ ދާއިރާއަށް 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވި ހަސަން ޝަކީލް ނިޔާވުމަކީ އެ ދާއިރާއިން ގައުމަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ އުނިކަމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ.

ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަރްޙޫމް މުޙައްމަދު ޝަކީލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، ތަޢުޒިޔާ ދަންނަވަމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި، މާތްالله މަރްޙޫމު ޝަކީލުގެ ފުރާނަ ލައްވާށިއެވެ،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

ޝަކީލަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަންގައި ފުރަތަމަ ފެށިގެން ދިޔައިރު އެ ކަމުގެ އިސް މޭސްތެރިޔާ އެވެ.