މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިޕާޓްމެންޓެއް، ހުޅުދޫގައި އިއްޔެ ހުޅުވައިފިއެވެ.
ހުޅުދޫ އޮފީހުގައި ޤާއިމްކުރެވުނު ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސާވިސެސް ޑިޕާޓްމެންޓް ހުޅުއްވާ ދެއްވީ ހައުސިން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރ އަބްދުﷲ ޒިއާދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރ އަބްދުﷲ ޒިއާދު ވިދާޅުވީ ހުޅުދޫގައި ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ ގިނަ މަސައްކަތްތައް ހިގަމުންދާނީ ހައުސިން މިނިސްޓްރީން މި ހުޅުވި ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުންކަމަށާއި މިޑިޕާޓްމެންޓްގެ ކަންތައްތައް ވީހާވެސް ހަލުއިކަމާއެކު ކުރިއަށް ގެންދެވުމަށްޓަކައި އިތުރު މުވައްޒަފުންތަކެއް ހޯދުމުގެ ކަންތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށެވެ.
ހައުސިން މިނިސްޓްރީން ހުޅުދޫގައި ޤާއިމުކުރި ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީގެ ކަންތައްތަކާއި ބިންތައް ކުށްޔަށް ދޫކުރުމުގެ އިތުރަށް ޕާކްތަކާއި ބަނދަރާއި މަގުތަކާ ގުޅޭ މަސައްކަތާއި ވޭސްޓް މެނޭޖްމެންޓްގެ ކަންތައްތައްވެސް ހިމެނެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހަކާޢި ގުޅިގެން ކުރިން ސިޓީ ކައުންސިލުން ކުރިއައް ގެންދިޔަ މަސައްކަތްތައް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ގެނެވިފައެވެ.
ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސާވިސެސް ޑިޕާޓްމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހުޅުދޫ އޮފީހާއި މީދޫއޮފީހުގެ ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ.