ޑްރައިވަރަކާ މެދު ފުލުހުން އަމަލުކުރި ގޮތް ރިވިއުކުރަން ފަށައިފި އެވެ.
ސްޓްރޯކެއް ޖެހުނު މީހަކު މަސްތުގެ ހާލަތުގައި ކަމަށް ބުނެ ފުލުސް އޮފީހުގައި ހަ ގަޑިއިރު ބެހެއްޓި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 10:13 ހާއިރު ލިބުނު ކަމަށެވެ.
މި މައުލޫމާތާ ގުޅިގެން ފުލުހުން އެޓެންޑްވެ ބެލިއިރު އެ މީހާ ދުއްވި ވޭން ހުޅުމާލެ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓްވެފައި އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން މި އުޅަނދު ހުޅުމާލެ ފޭސް 2 އަށް ދަނިކޮށް ފޭސް 2 އަދި ފޭސް 1 ގުޅުވައިދޭ ބްރިޖް ޑިވައިޑާގައި ޖެހިވެސް އެކްސިޑެންޓްވެފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ޓެކްސީ ޑްރައިވަރު އަލީ ޝިމާން (41 އަހަރު، ހ. ވާރި) މިއަދު ދިމާވި އެކްސިޑެންޓްގައި ފުލުހުން ވަނީ އެފަރާތް މަސްތުގެ ޙާލަތުގައިކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސްޓްރޯކެއް ޖެހިފައިވާ މިޑްރައިވަރަށް، 6+ ގަޑިއިރަށްވުރެ ގިނަ އިރު ބޭސްފަރުވާ ޚައްޤުން އެފަރާތް މަޙުރޫމްކޮށް، އަދި… pic.twitter.com/VhHkLC7ba4
— Ibrahim Niyaz (@IbrahimNiyaz16) February 8, 2025
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށްފަހު ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އަމަލުކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.