ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް މިއަދު މާލޭގައި ރޯވި މ. ހައުސް ޕްލާޒާ ތަޅައިލަން ނިންމައިފި އެވެ.
އެ ގޭގައި ރޯވީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ގޭގައި ރޯވާން ދިމާވީ ގޭގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މ. ހައުސް ޕްލާޒާ ތަޅާލަން ނިންމާފައިވާ ކަމަށާއި އެއްވެސް ބަޔަކު ނޫޅޭ އެ ގެ އަކީ ކުރިން ވެސް ތަޅައިލަން ނިންމާފައިވާ ގެއެއް ކަަމަށެވެ. ނަމަވެސް އެކަން ނުކުރެވި އޮތީ އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އަމިއްލަ ބަޔަކާ ހަވާލުކޮށްގެން އިމާރާތް ތަޅައިލަން ނިންމާފައިވާ ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައުސް ޕްލާޒާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އައްޑާއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެކެވެ. އެގޮތުން ކުރިން ވެސް އެފަދަ ބަޔަކު އެތަނަށް ވަދެގެން އުޅެނިކޮށް އިމާރާތުގައި އަލިފާނުގެ ހާދިސާއެެއް ހިނގާފައިވާކަން ފާހަގަކޮށްފައިވެ އެވެ.