Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރޯދަ މަހާ ދިމާކޮށް ވިޔަފާރި ގަޑިތަކަށް ބަދަލެއް

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ވިޔަފާރި ހިންގާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 15 އިން ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

އެހެންވެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ މުދާ ވިއްކާ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އަންގާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހެއްޓޭނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށެވެ.

އެހެންވެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ޚިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން އަމަލު ކުރަން ވާނީ އެގޮތަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.