އައްޑޫ ހިތަދޫގައި ހަދަން ފަށާފައިވާ ވޮލީ ކޯޓް ކުރިއަށް އޮތް ރޯދައިގެ ނިންމަން އަމާޒު ހިފައިފި އެވެ.
މި ވޮލީ ކޯޓަކީ ކައުންސިލާއި ހިތަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކައުންސިލުން ބުނީ ވޮލީ ކޯޓު އަޅާ ބިން ސާފުކޮށް ވެލި އަޅައި ލެވެލް ކުރުމުގެ 97 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ވޮލީ ކޯޓް އަޅަނީ ހިތަދޫ ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރޭގަ އެވެ.
ކައުންސިލްގެ ބަޖެޓުން ހަދާ ވޮލީ ކޯޓަށް ގާތްގަނޑަކަށް 300،000ރ. ހަރަދުވާނެ އެވެ.
ކައުންސިލުން ބުނީ ހިތަދޫގައި އަޅާ ވޮލީ ކޯޓްގެ ސަބަބުން މިހާރުގެ ވޮލީ ކުޅުންތެރިންނާއި ވޮލީ އަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ވެސް އެ ކޯޓްގެ ސަބަބުން ވޮލީގައި ކުރިއަށްދާން ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ.