އެސްޓީއޯ އިން ރޯދައަށް ލުނބޯ ޝިޕްމެންޓެއް ރާއްޖެ ގެނެސްފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމްހާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯއިން ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓާ ކުރަމުންދާ ކަމަށް ޝިމްހާދު ވިދާޅުވި އެވެ.
"މިގޮތުން ލުނބޯގެ ފުރަތަމަ ޝިޕްމެންޓް މިހާރު ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށް ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ