ކުރިއަށް ރޯދަ މަހު ވެސް އިސްލާމިކް މިނިސްޓްރީން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކަކީ ރައްޔިތުންގެ މެދުގައި އިސްލާމް ދީނުގެ ޝިޢާރު ފާޅުކޮށް،، ރަމަޟާން މަހުގެ ރޯދައާ އެކު އަޅުކަމަށް ރައްޔިތުން ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވައި، އިސްލާމްދީނުގެ ސައްޚަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި މަތިވެރި މަޤުސަދެއްގައި ދިވެހި ދަޢުލަތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ހިންގަން ހަމަޖެހިފައިވާ ޕްރޮގުރާމްތަކެކެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވެ، ރަމަަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ދެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ "މައިންޑްފުލް ރަމަޟާން" ނަމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕަކާއި، "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ބާއްވާ ބޮޑު ދަރުހެވެ.
"މަރުހަބާ ރަމަޟާން" ދަރުހަކީ މާލެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހެކެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި މާލޭގައި 8 އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 7 ސިޓީ/ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އިޙްޔާ ފޯރަމް ބާއްވާނެ ސިޓީ/ރަށްތައް ކަނޑައަޅާފައިވަނީ ކައުންސިލްތަކުން އެކަމަށް އެދި ހުށައެޅި ޕްރޮޕޯސަލް ވިލަރެސް ކުރުމަށްފަހުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންގެ 6 އިޙްޔާ ފޯރަމެއް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހު މާލޭގައި އައުޓްރީޗް ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވާ އިރު، މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިން ދިނުމާއި މުސްޙަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަޞުރު ނަމާދަށް ފަހު މާލެ ސަރަޙައްދުގައި އަޞްރު ދަރުސް ވެސް ބާއްވާނެ އެވެ.
މި އަހަރުގެ ރަމަޟާން މަހު ވެސް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އާއްމުން ހޭލުންތެރިކުުރުމަށާއި، ދީނީ މަޢުލޫމާތު ފޯރުކޮށް ދިނުމަށް ދީނީ ޕްރޮގުރާމުތައް ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ގެނެސްދިން ބައެއް ޕްރޮގުރާމުތަކާއި މުޅިން އަލަށް ގެނެސްދޭން ފަށާ ޕްރޮގުރާމުތައް ވެސް ހިމެނެއެވެ.