މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންތަކެއް ދާދި ފަހުން ކުރި މުޒާހަރާއާ ގުޅޭ ކުއްލި މައްސަލައަކަށް ރައްޔިތުންގެ މަޖިލީހުގައި މިއަދި ބަހުސް ކުރަން ފަށައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު، މީކާއިލް އަހުމަދު ނަސީމެވެ.
އޭނަ ހުށަހެޅުއްވި މި މައްސަލަ އަކީ ޑިސެމްބަރު 11، ގައި ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޓެކްސީ ޑްރައިވަރުންތަކެއް މާލެ ހުޅުމާލެ ހައިވޭގައި މުޒާހަރާ ކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ހިދުމަތް ދޭން ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ޓެކްސީ ޑްރައިވަރުން އެ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ގެންލުންވާފަދަ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އިހުތިޖާޖު ކުރަމު ންދިޔަ ޓެކްސީ ޑްރައިވަރުންނާ ހުރަސް އަޅައި އެ މީހުންގެ ޓެކްސީތަކަށް ގެއްލުންވާ ގޮތަށް ފުލުހުން އަމަލު ކުރީ ކަނޑައެޅިގެން ރައްޔިތުންގެ އަޑު ކަނޑުވައިލުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެ އެވެ.
ފުލުހުން އެގޮތަށް އަމަލު ކުރި ނަމަވެސް ގާނޫނުއަސާސީގައިި ބަޔާންވެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މީކާއިލްގެ މައްސަލައިގައި ވަނީ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލުމަށެވެ. އަދި ޓެކްސީ މުޒާހަރާގެ ތެރެއިން ޓޯކުރި ޓެކްސީތައް މިހާރުން މިހާރަށް ދޫކޮށްލައި ޓެކްސީތަކަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ސަރުކާރުން ދޭން ގޮވާލައްވާފައިވެ އެވެ.
މީކާއީލް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.