Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

އެންޑީއޭ އިން ވޮލަންޓިއާ އިންޓާންޝިޕަކަށް ހުޅުވާލައިފި

ކްލިނިކަލް އެސިސްޓެންޓުންގެ ގޮތުގައި ދެ އަހަރު ދުވަހަށް ވޮލަންޓިއާ އިންޓާންޝިޕެއްގެ ދަށުން މަސައްކަތްކުރާނެ މީހުން ހޯދަން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ ބޭނުން ވަނީ 15 މީހުން ކަމަށެވެ.

އެ މީހުން މަސައްކަތް ކުރަން ޖެހެނީ އެންޑީއޭގެ މައި އޮފީހާއި ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގެ ހާފްވޭހައުސް އާއި ގދ. ތިނަދޫ ދަގެނާގަ އާއި ތިނަދޫ އާއި އައްޑޫ ހިތަދޫ އަދި ފުވައްމުލަކުގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުިގެ އިތުރުން އައްޑޫ ހުޅުދޫގައި ހުންނަ ވިލުނު ސެންޓަރުގަ އެވެ.

އެގޮތުން އެތަންތަނުގައި ވޮލަންޓިއާ އިންޓާންޝިޕެއްގެ ދަށުން މަސައްކަތްކުރަން ޝައުގުވެރިވާ ކްލިނިކަލް އެސިސްޓުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 އާ ހަމައަށެވެ. ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވުމެވެ.

އެންޑީއޭ އިން ބުނީ މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާ އަމަލީ ތަޖުރިބާ އާއި އިންޓަވިއުން އިން ހޯދާ ނަތީޖާ އާއި ދިވެެއްސާއި އިނގިރޭސިން މުޢާމަލާތް ކުރުމުގެ ހުނަރު ހުރި މިންވަރާއި ވާހަކަ ދެއްކުމުގެ ހުނަރަށް ބަލާނެ ކަމަށެވެ.

ވޮލަންޓިއާ އިންޓާންޝިޕާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 3039016 އިން ހޯދޭނެ އެވެ.