Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ދައުލަތުގެ އިސްވެރިންގެ މުސާރަ ކުޑަކުރަން ހުށަހަޅައިފި

ދައުލަތުގެ ބައެއް އިސްވެރިންގެ މުސާރަތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައިސް މިއަދު ފޮނުއްވި ސިޓީގައި ވަނީ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރައްވައިފަ އެވެ. އެގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12،000ރ. އަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމާ މެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތެއް އަންގަވައި ދެއްވުމަށް ރައީސްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށް ވެސް ހުށަހަޅުއްވާފައިވެ އެވެ.

"ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށްވާނަމަ އެކަންވެސް މަޖިލީހަށް ހުށަހަޅުއްވާ ދެއްވާ އެ މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައި ދެއްވުން އެދެން." ސިޓީގައިވެ އެވެ.

މި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.