ރޯދައާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން އައްޑޫ މީދު އަށް ލިބުނު 130 ޕެކެޓް ކަދުރު މާދަމާ ބަހަން ފަށަން ނިންމައިފި އެވެ.
މީދޫ އަވަށު އޮފީހުން މިއަދު ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 20 އާ ހަމައަށް ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ނޫން ދުވަސްތަކުގައި ކަދުރު ދޫކުރުން އޮންނާނީ ހެނދުނު 9:00 އިން 12:00 އަށެވެ.
ކަދުރު ޕެކެޓް ދޫކުުރާނީ ކޮންމެ ގޭބިސިއަކަށް ވެސް އެއް ޕެކެޓް މަގުން، އެންމެ ކުރިން އަންނަ ފަރާތްތަކަށެވެ. ކަދުރާ ހަވާލުވުމަށް ދާ އިރު، ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ.
އައްޑޫގެ އެންމެ އާބާދީ ބޮޑު އަވަށް ކަމަށްވާ ހިތަދޫގައި ވެސް މާދަމާ ކަދުރު ބަހަން ފަށަން ވަނީ ނިންމައިފަ އެވެ.
ސައުދީން ރާއްޖެ އަށް މި އަހަރު ހަދިޔާކުރީ 50 ޓަން (25،000 ޕެކެޓް) ގެ ކަދުރެވެ.