ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަކީ ޑިކްޓޭޓަރެއް ނޫން ކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިމިގިލީ ދާއިރާގެ މެންބަރު ޤާސިމް މިހެން ވިދާޅުވީ އޭނާގެ ޙަޔާތްޕުޅާއި ގުޅޭގޮތުން ލިޔެފައިވާ ބަޔޮގްރަފީ ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ބަޔޮގްރަފީ ނެރެދެއްވީ ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރެސީ ލިބުނީ މައުމޫން ބޭނުންފުޅުވުމުން ކަމަށާއި ޑިމޮކްރަސީ އަށް މައުމޫން ފުރުސަތު ދެއްވީ ގައުމުގެ ހާލަތު ބަދަލުވެއްޖެކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގެންނެވުމުން ކަމަށެވެ. މައުމޫނަކީ ވަރަށް ގާބިލު އަދި އިލްމީ ބޭފުޅެއް ކަމަށާއި މިއަދުވެސް މި ފެންނަނީ އެކަމުގެ ހަގީގަތް ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަދު މި ދެކޭ ޑިމޮކްރަސީ އާއި އަޅުގަނޑުމެންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަރުކާރުން އެކަން އޭރު ކޮށްދެއްވަން ނެތްނަމަ މިއަދު ވެސް ނުލިބޭނެ. ހަމަ ތިބެންޖެހޭނީ މަގުމަތީގައި ހަޅޭއްލަވަލަވާ. އެއީ ހަމަ ކަށަވަރުކަމެއް،" ގާސިމް ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން އޭރު ކުރި މަސައްކަތުގެ ތެރެއިން ޖަލަށްދާން ޖެހުނުކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެއީ މުސްތަގުބަލު އުޖާލާކުރުމަށްޓަކާ ލިބުނު ދަރުސްތަކެއް ކަމަށާއި އެއީ އަނިޔާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް، އަޅުގަނޑު ގަބޫލުކުރާ ހިތެއް ނުވޭ މައުމޫނަކީ ޑިކްޓޭޓަރެކޭ. ބައެއް މީހުން ކިޔައި އުޅޭ. ދެކޮޅު މީހުން ދައްކާނެ އެކަހަލަ ވާހަކަވެސް. މައުމޫން ބޭނުންފުޅުވެގެން އަޅުގަނޑުމެންނާ ހަމައަށް ޑިމޮކްރަސީ ލިބުނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ މި ބައޮގްރަފީ ލިޔުއްވާފައިވަނީ މަޝްހޫރު ލިޔުންތެރިޔާ، މުޙައްމަދު ޖަމީލެވެ.
މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައޮގްރަފީ ހިމެނޭ ވެބްސައިޓެއް އިފްތިތާޙުކޮށްފައިވާއިރު، ގާސިމްގެ ހަޔާތްޕުޅު ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް ވިލާ ކޮލެޖުގައި މިއަދު ހެނދުނު 9:00 އިން ރޭގަނޑު 10:30 އާ ހަމައަށް ކުރިއަށްދާނެ އެވެ. މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައޯގްރަފީގެ ކޮޕީއެއް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.