Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރަސްމީ ރިޒާވް 708 މިލިއަން ޑޮލަރަށް އަރައިފި

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 700 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ޝާއިއުކުރި ރާއްޖޭގެ ރަސްމީ ރިޒާވްއާ ގުޅޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅައި ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދުކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ.

މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ޑިސެންބަރު މަހާ އަޅާ ބަލައިއިރު 12 ޕަސެންޓް އިތުރުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު ހެދި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެގޮތުން މިދިޔަ މަހުގެ ނިޔަލަށް، އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.