އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ މަލްޓި މީޑިއާ ލައިބްރަރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދައިދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 17 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެއިން މި މެއިލް finance@adducity.gov.mv އަށް ފޮނުވައިގެންނެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.
ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 12،400ރ. ވެސް ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.
ކައުންސިލުން ބުނީ ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ސެޝަނެއް މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފޭދޫ އަވަށު އޮފީހުގައި އޮންނާނެ ކަމަށެވެ.