ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ގާސިމް އިބްރާހިމްގެ ބައޮގްރަފީ "ގާސިމް އިބްރާހީމް: ލާމަސީލު ދިވެހި ރައްޔިތެއް" އޮންލައިންކޮށް ވެސް ކިޔައިލެވޭ ގޮތަށާއި އޯޑިއޯ ވެސް އަޑު އަހައިލެވޭ ގޮތަށް ނެރެފި އެވެ.
ރާއްޖާގެ ތަޖުރިބާކާރު ނޫސްވެރިއެެއް ކަމަށްވާ މުހައްމަދު ޖަމީލު ލިޔުއްވާ 800 އަށް ވުރެ ގިނަ ސޮފްހާގެ ބައޮގްރަފީ ރޭ ނެރުނީ ގާސިމްގެ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ހާޑް ކަވަރާ އެކު ޗާޕްކޮށްފައިވާ ބައޮފްރަފީގެ ނެރެދެއްވީ ކުރީގެ މިނިސްޓަރެއް ކަމަށްވާ އިލްޔާސް އިބްރާހީމެވެ.
މި ބައޮގްރަފީ މިއަށް ހާއްސަކޮށް ލޯންޗްކުރި ވެބްސައިޓް qasimibrahim.bio އިން ވެސް ކިޔައިލެވޭނެ އެވެ. އަދި އެ ޑައުންލޯޑް ކުރެވޭ ގޮތް ވެސް ހަދާފައިވާ އިރު، ބައޮގްރަފީގެ އަޑު އަހައުލެވޭ ގޮތް ވެސް ހަދާފައިވެ އެވެ.
"ގާސިމް އިބްރާހީމް: ލާމަސީލު ދިވެހި ރައްޔިތެއް" ހުލާސާއެއްގެ ގޮތުގައި ގާސިމު ވިދާޅުވެފައި ވަނީ މި ފޮތަކީ އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ސަފްހާތައް ކަމަށެވެ.
"އަޅުގަނޑު ކާބަފައިންނާއި އަޅުގަނޑު ދުނިޔެއަށް އުފަންވީއްސުރެ މިހާތަނަށް އަޅުގަނޑާ މެދު ކަންކަން ހިނގަމުންދިޔަ ގޮތާއި، އަޅުގަނޑު ކަންތައް ކުރި ގޮތެވެ. މިހެން ދެންނެވިޔަސް ވޭތުވެދިޔަ ދިގު މާޒީގައި ހަނދާނުން ކައްސާލާފައިވާ ކަންތައްތަކެއް ހުރެދާނެ އެވެ. އަޅުގަނޑުގެ ހަޔާތުގައި ހިނގާފައިވާ ކޮންމެ ކަމެއްގެ އެންމެ ފުރިހަމަ ތަފްސީލަށް ދިޔުމަކީ މިފަދަ އެއް ފޮތަކުން ދެ ފޮތަކުން ފުއްދާލެވޭ ވަރަށްވުރެ ދިގު ވާހަކަތަކެކެވެ." ގާސިމް ވިދާޅުވެފައިވެ އެވެ.
ގާސިމަކީ އެތައް ގޮތަކުން ގައުމުގެ ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. އަމިއްލަ ވިޔަފާރީގެ އިތުރުން އޭނަ އަކީ ތައުލީމީ އެތައް ބަޔަކު ވެސް އުފައްދާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ސްކޮލަޝިޕްތަކުގެ ދަށުން އެތައް ރޮނގަކުން އެތައް ބަޔަކަށް ގާސިމް މަތީ ތައުލީމުގެ ފުރުސަތު ހޯއްދަވައި ދެއްވާފައިވެ އެވެ.
މީގެ އިތުރުން ގާސިމަކީ ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލްގެ ނަމުގައި ހައި ސްކޫލެއް ވެސް ހިންގަމުން ގެންދަވާ ބޭފުޅެކެވެ. އޭނަ އަމިއްލަ އެއާލައިނަކާއި އަމިއްލަ ޓީވީ ސްޓޭޝެއް ވެސް ހިންގަވަ އެވެ. ގާސިމަކީ ރާއްޖޭގެ ރިސޯޓް ވިޔަފާރިގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ ގާސިމަކީ އޭނަ އަކީ ސަރުކާރެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރިކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަން ވެސް ހިމެނެ އެވެ.