ބޮޑުކަންނެލީގެ މަސްވެރިންނށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަން ނިންމާފައިވާ ބަނދަރަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިއަދު މަޖިލީހަށް ވަޑައިގެން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްގެ ތެެރޭގައި ބަނދަރު ހަދަން އިއުލާން ވެސް ކުރާނެ ކަމަށެވެ.
"މި ފެސިލިޓީ އަށް ބޭނުންވާ ފަންޑު އިރާދަކުރެއްވިއްޔާ އައިއެސްޑީބީ މެދުވެރިކޮށް އަޅުގަނޑުމެންނަށް ހަމަޖެހިއްޖެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ މަހެއްގެ ތެެރޭގައި އަޅުގަނޑުމެން އިއުލާނު ކުރާނަން. އިއުލާނުކޮށް މަސައްކަތް އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަހަރުގެ ހަމަ މެދުތެރޭގައި މަސައްކަތް ފެށިގެން ދާނެ ކަމަށް،" ޝިޔާމު ވިދާޅުވި އެވެ. " މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް ނިންމައިލެވޭނެ ކަމަށް."
މިނިސްޓަރު ވިދާޅުވީ ބަނދަރު ހަދައި ނިމި ބޭނުން ކުރަން ފެށުމުން އެ ކަންނެލި މަސްވެރިންނަށް އޮތް ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
ހުޅުމާލޭގައި އެ ބަނދަރު ހަދަން 25،000 އަކަފޫޓުގެ ސަރަހައްދެއް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
"މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވީ އަމާން ބަނދަރަކަށް ބޮޑުކަންނެލި މަސްވެރިންގެ މަސް ކިރުމަށްޓަކައި، އެއީ ހުޅުމާލެ ބަނދަރު، ހުޅުމާލެ ބަނދަރުގައި އެންމެ މަގަތުން އެއޮތީ ފަންސަވީސްހާސް އަކަފޫޓުގެ ޖާގައެއް ބޮޑުކަންނެލި މަސްވެރިންނަށް މަސް ޕެކް ކުރުމަށްޓަކައި ކަނޑައެޅިފައި." ޝިޔާމް ވިދާޅުވި އެވެ.