Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ހިތަދޫގައި މީހަކު ރަހީނުކުރިި ބަޔަކު ހައްޔަރުކޮށްފި

ފުލުހުންތަކެއް ހިތަދޫގައި ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ސިޓީ ޕޮލިސް

އައްޑޫ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށާއި އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުނު ކަމަށެވެ.

އެގޮތުން ބެލި ބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.