ނ. ލަންދޫ ފެނަކަ ބްރާންޗަށް އިތުރު މުވައްޒުންތަކެއް ނަގައިފި އެވެ.
އެތަނުފެ ވަޒީފާތަކާ އަލަށް ފަސް މީހަކު ގުޅުނު އިރު، އެ މީހުންނަށް ލަންދޫ ބްރާންޗުން އިއްޔެ ހޫނު މަރުހަބާއެއް ވެސް ކިޔެ އެވެ. އެގޮތުން އަލަށް ގުޅުނު މުވައްޒަފުންނަށް މަރުހަބާ ކިތަން ބޭއްވި ހަފުލާގެ ފޮޓޯތަކެއް ލަންދޫ ފެނަކަ ބްރާންޗްގެ ފޭސްބުކް ޕޭޖްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
އަލަށް ގުޅުނު މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެން މުވައްޒަފަކާއި ދެ އަންހެން މުވައްޒަފެކެވެ.
ލަންދޫ ފެނަކަ ބްރާންޗަށް އިތުރު މުވައްޒަފުންތަކެއް ނަގާފައި މި ވަނީ އެ ރަށުގެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަކަށް މެންބަރަކު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާ ކާމިޔާބުކޮށްފައި ވަނިކޮށެވެ.
އެހެންވެ ލަންދޫ ފެނަކަ ބްރާންޗުން ވަޒީފާ ދިނީ އޭނަގެ ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް އުޅުނު ބަޔަކަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
ފެނަކަ އަކީ މުވައްޒަފުން ގިނަވުމުގެ ޝަކުވާ ބޮޑު ކުންފުންޏެކެވެ. އެގޮތުން މި ސަރުކާރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފުރަތަމަ އައްޔަންކުރި މުއާޒް މުހައްމަދު ރަޝީދު މިިދިޔަ އަހަރުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވި އިރު ވެސް ކުންފުނީގައި ބޭކާރު އެތައް މުވައްޒަފުންނެއް ތިބިކަން ފާހަގަ ކުރައްވާފައިވެ އެވެ.
މި ސަރުކާރުން އައި އިރު ފެނަކަގައި އިންތިހާ އަށް މުވައްޒަފުން ގިނަވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، މި ސަރުކާރުން ވެސް ފެނަކަ އަށް ގިނަ މުވައްޒަފުންތަކެއް ނަގަން ޖެހުނުކަން މުއާޒް ފާހަގަ ކުރައްވާފައިވެ އެވެ.