އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފޮނުއްވި ނަމުގެ ބަދަލުގައި މަޖިލިހަށް އާ ނަމެއް ފޮނުއްވައިފި އެވެ.
ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކުރަން އިއްޔެގެ ޖަލްސާއަށް ރައީސް ފޮނުއްވީ މިދިޔަ މަހުގެ ތެރޭގައި ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރި އަހުމަދު ނާޝިދުގެ ނަމެވެ. އެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ މިނިވަން މުއައްސަސާ ބެހޭ ކޮމިޓީއަށް ފޮނުވަން ވެސް އިއްޔެ ނިންމި އެވެ.
ނަމަވެސް މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ރައީސް ވަނީ އޭސީސީގެ ނައިބު ރައީސަކަށް މެމްބަރު އަބްދުﷲ ނާޝިދުގެ ނަން ފޮނުވައިވި އެެވ. އޭނަ އަކީ އަހުމަދު ނާޝިދާ އެކީ މިދިޔަ މަހުގެ ތެރޭގައި މެންބަރު ކަމަށް އައްޔަންކުރި ބޭފުޅެކެވެ.
ނަމަވެސް ކުރިން ފޮނުވި ނަން ބަދަލު ކުރެއްވި ސަބަބެއް ރައީސްގެ ސިޓީފުޅުގައި ހާމަކުރައްވާފައެއް ނުވެ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ އޭސީސީގެ ނައިބު ރައީސް އައްޔަންކުރުމުގެ މައްސަލަ މިނިވަން މުއައްސަސާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
އޭސީސީގެ ދެ މެމްބަރެއްގެ މަގާމު މިދިޔަ ނޮވެމްބަރު މަހު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި ކޮމިޝަނުގެ މެމްބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މީހުން އިސްތިއުފާ ދެއްވީ ތުހުމަތުތަކަކާ ގުޅިގެން ވަކިކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.