Last Updated: May 2, 20:56
Friday, May 2, 2025
ޚަބަރު

ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ "ރަށު އެކްސްޕޯ"ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ވަރަށް ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ފަޚުރެއް ކަމަށާއި މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނޭކަށް އުއްމީދުކުރާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ ޢުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވުމަކީ މި އެކްސްޕޯ އަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި މިއީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.

"ރަށު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުންނާނެ އެވެ.

ހިޔާލު ފާޅުކުރައްވާ