މިދިޔަ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 3.34 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާ އިން ބުނި ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 ޕަސެންޓް ދަށް އަދަދެކެވެ. އަދި ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު އެއް ސަބަބަކީ ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުން ކަމަށް މީރާ އިން ބުނެ އެވެ.
އެހެންނަމަވެސް މި މުއްދަތުގައި ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވުމާއި 1 ޑިސެންބަރު 2024 ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން، މިދިޔަ މަހު އެ ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ މަހު އަންދާޒާކޮށްފައިވާ އާމްދަނީއަށް ވުރެ 5 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވޯކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުން އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެ އެވެ. އަދި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމަކީ، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއް ކަމަށްވެސް މީރާއިން މައުލޫމާތުދެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.59 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 1.19 ބިލިއަން ރުފިޔާ އެވެ.
މިދިޔަ މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.