ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދައުވަތު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިހާރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ މަޖިލީހުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ވަނީ މި ބައްދަލުކުރެއްވުމުގައި ލޮކް ސަބާގެ ރައީސް އަށް ރާއްޖެ އަށް ޒިޔާރަތެއް ކުރެއްވުމަށް ދަޢުވަތު ދެއްވާފަ އެވެ.
މީގެއިތުރުން އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އަބަދުވެސް ލޮކް ސަބާއިން ރައްޔިތުންގެ މަޖިލީހަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވި އެވެ.
ލޮކް ސަބާގެ ރައީސް ވަނީ އިންޑިއާގެ ޑިޖިޓަލް ޕާލަމެންޓްރީ ކުރިއެރުންތަކާއި މީހުން ތަމްރީން ކުރުމާއި ކުރިއެރުވުމުގައި ލޮކްސަބާ ގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުވާލައްވާފަ އެވެ. އަދި ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.