Last Updated: March 15, 12:09
Saturday, March 15, 2025
ޚަބަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރަން ފައިސާ ހަމަޖެހިއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި ދޮޅު އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެސް ބޮޑުކުރުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް، މެންބަރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހގެ ތެރޭގައި ކުރެއްވި ސުވާލަކާ ގުޅިގެން ވެސް ޝިޔާމު ވިދާޅުވެފައިވެ އެވެ.

އޭނަ އިއްޔެ އެ ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ފައިސާ ވެސް ހުރީ ހަމަޖެހިފައި ކަމަށެވެ. އެހެންވެ މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މަސައްކަތް ފަށާނެ އިރެއް ހާމައެއް ނުކުރައްވަ އެވެ.

ޝިޔާމު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުމުގެ މަސައްކަތް ފަށާތާ ދޮޅު އަހަރުގެ ތެރޭގައި ނިންމާ ތަން ފެނިގެން ދާނެ ކަމަށެވެ.

ހުޅުމީދޫގައި ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ. މިނިސްޓަރު ޝިޔާމު ވިދާޅުވީ އެތަނުއި މިހާރު ކުރީ 1،500 ޓަނުގެ ކެޕޭސިޓީ ކަމަށާއި އަލަށް ފަށާ މަޝްރޫއުގެ ދަށުން ކެޕޭސިޓި އަށް 1،000 ޓަނުގެ މަސް ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.